Telegram

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓްކުރުމަށް ސޮއިކޮށްފައިވަނީ ޤަތަރު އެއަރވޭސް، އެމިރޭޓްސް އެއަރލައިން، ރާއްޖޭގެ ރިސޯޓް ލައިފް ކުންފުނި އަދި އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާއާ އެކުގައެވެ.

 

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އެ ރަސްމިއްޔާތުތަކުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

އެމިރޭޓްސް އެއަރލައިނާއެކެ ވެފައިވާ އެއްބަސްވުމުގެ ދަށުން އެމިރޭޓްސް ދަތުރުކުރާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށާއި ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރާނެއެވެ.

 

ޤަތަރު އެއަރވޭސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤަތަރު އެއަރވޭސްއިން ރާއްޖޭގެ ފަތުރުވެރިކަން އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.

 

އަދި ރާއްޖޭގެ ރިސޯޓް ލައިފް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އެ ސަރަހައްދުން އިތުރު ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރްސީއާއެކު މަސައްކަތް ކުރެވޭނެއެވެ.

 

އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެ ޖަމްޢިއްޔާއިން މަސައްކަތްކުރާނެއެވެ.

 

އެމްއެމްޕީއާރްސީން ޤަބޫލްކުރާ ގޮތުގައި މި އެއްބަސްވުންތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިމަހުގެ 28 އިން މޭއި މަހުގެ 1 ވަނަ ދުވަހަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މާރކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

 

ކޮމެންޓް

ކޮމެންޓު