Telegram

"ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކުގެ މައްސަލަތައް ހައްލުކުރުމާއި އެމީހުންގެ ކަންކަން މޮނިޓަރކޮށް ބަލަހައްޓާނެ ގޮތާބެހޭގޮތުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

 

މި ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

މި ބައްދަލުކުރެއްވުމުގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ ހުރި ޚިޔާލުތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

 

އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް "ވާނުވާ ބަންދު" ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމުގައެވެ.

 

އަދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި، "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންވަނީ އެމައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. މި ކަރުދާހުގައި "ވާނުވާ ބަންދު" ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

ކޮމެންޓު