ސްޓޫޑެންޓް ލޯނަށް މިއަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރުވަރުންނާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެ ވުޒާރާއިން ވަނީ 55.5 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައެވެ.
އެގޮތުން ޖުމްލަ 751 ދަރިވަރަކަށް ސްކޮލަރޝިޕް ދޫކޮށްފައިވާއިރު، މީގެ ތެރެއިން 34 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 25 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ.
މީގެ އިތުރުން، 717 ދަރިވަރުން މިހާރުވެސް މި ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 456 އަންހެން އަދި 250 ފިރިހެން ކުދިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑީގްރީ ސްކީމަށް އެކަނިވެސް 51.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 8,327 ދަރިވަރުންނަށް އެހީތެރިވެދިނުމަށް ދޫކުރެވިފައިވާ އަދަދުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 5،258 އަންހެން ކުދިންނާއި 3،069 ފިރިހެން ދަރިވަރުންނެވެ.
ކޮމެންޓް